Monday, November 16, 2015

އޮންލައިންކޮށް އުގެނުމުގެ ތަޢުލީމުގެ ފުރުޞަތު ހިލޭލިބޭ ބައެއްސައިޓްތައް

                                                                             
        
ލިޔެތައްޔާރުކުރީ: މުޙައްމަދުު ޙަލީލް
         
ދުނިޔެ 21ވަނަ ޤަރުނާއި ކުރިމަތިލީ ޓެކްނޮލޮޖީ ބޮޑު އިންގިލާބަކާއި އެކުގައެވެ. އަޅުގަނޑުމެން އުޅެމުން މިދަނީ ޓެކްނޮލޮޖީގެ ރޮނގުން ނުހަނު ގިނަގުނަ ވަޞީލަތްތަކާއި ފަސޭހަތައް ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ލިބެންހުރި ޒަމާނެއްގައެވެ. މިދެންނެވި ބަދަލުތަކާއި ވަޞީލަތްތަކަށް ފަރިތަ ހަމައެހެންމެ އެވަޞިލަތްތަކަށް އަހުލުވެރި ބައެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހެއެވެ. ޓެކްނޮލޮޖީގެ ވަޞީލަތްތަކަށް އަހުލުވެރި  ބަޔަކަށް ވުމާއެކު އޭގެ ބޭނުން ހިފައިގެން ދިރިއުޅުމުގައި ލުއި ފަސޭހަ މަގު ހޯދަންވެއްޖެއެވެ. މުއާސަލާތު ކުރުމުގައެވެ. އުނގެނުމުގައެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައެވެ. ގޭތެރެ ޒީނަތްތެރި ކުރުމުގައެވެ. އާދޭހެވެ. މިދެންނެވި ދާއިރާތަކުން ޓެކްނޮލޮޖީގެ ޒަރީއާއިން މަޢުލޫމާތު ހޯދައިގެންނެވެ.
މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެންވެސް އުނގެނެންވީއެވެ. ގޭތެރެ ބަލަހައްޓާ ގެވެހި މަންމައަށްވެސް މިއަދު އޮންލައިންކޮށް ކޯސްތައް ގޭގައި ހުރެގެން ހެދިދާނެއެވެ. ދިރިއުޅުމުގައި ކޮށްއުޅޭ ތަފާތު މަސައްކަތްތައް ކުރުމުގެ ތެރެއިންވެސް ވަގުތު ހޯދައިގެން ކިޔަވަންވީއެވެ. އެކަމުގެ މަގު ނުހަނު ފުޅާވެފައި ތަނަވަހެވެ. ޓެކްނޮލޮޖީގެ ޒަރީއާއިންނެވެ. އޮންލައިންކޮށް އުނގެނުމުގެ ހިލޭ ފުރުޞަތު ތަކުގެ ތެރެއިންނެވެ. އޮންލައިންކޮށް އުނގެނުމުގެ ހިލޭ ފުރުޞަތުތަކަކީ ކޮބައިތޯއެވެ؟ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އުނގެނުމަކީ އިލެކްޓްރޮނިކް ވަޞީލަތެއްގެ އެހީގައި އިންޓަނެޓް މެދުވެރިކޮށް އުނގެނޭ އުނގެނުމެވެ. އޮންލައިންކޮށް މައިގަނޑު ގޮތެއްގައި އުނގެނެނީ ކޮމްޕިޔުޓަރ ނެޓްވޯކްގެ ތެރެއިން އިންޓަރނެޓް މެދުވެރިކޮށެވެ. އުނގެނޭ އުނގެނުމަށް އެއްވެސް އަގެއް ދެއްކުމެއްނެތި، ކިޔެވޭނެ ގިނަގުނަ ފުރުޞަތުތައް ވަރަށް ފުޅާ ދާއިރާއެއްގައި އެކި އެކި ޖަމްޢިއްޔާ ތަކުންނާއި އެކިއެކި އިންސްޓިޓިއުޓް ތަކުން ތަނަވަސް ކޮށްދީފައިވެއެވެ.
މިފަދަ އުނގެނުމެއްގައި ދަރިވަރު މަޢުލޫމާތު ލިބިގަންނާނީ އިންޓަނެޓް، އިންޓްރާނެޓް ނުވަތަ އެކްސްޓްރާ ނެޓް، އޯޑިއޯ، ވީޑިއޯ އަދި ސެޓެލައިޓް ޓީވީ ފަދަ ވަޞީލަތްތަކުގެ އެހީގައެވެ. ސްކޫލް، ޔުނިވަރސިޓީ، ކޮލެޖް ފަދަ ތަންތަނުގައިވެސް އުނގެނުމަށް ފަހި މާޙައުލެއް ޤާއިމު ކުރުމުގެ ގޮތުން މިފަދަ ވަޞީލަތްތައް ޤާއިމުކޮށްފައިހުރެއެވެ.އޮންލައިންކޮށް ކިޔެވުމަށް ފަހި ވަރަށް ގިނަ ގޮތްތައް މިހާރު ތަޢާރަފް ކުރެވިފައިވެއެވެ. އެގޮތުން ސްކައިޕްކޮށް އުނގެނުމުގެ ގޮތްތަކާއި އަދި ތަފާތު އެކި ސޮފްޓްވެއަރތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ދިމަދިމާގައިތިބޭ ދެމީހަކަށްވެސް އެކަކު އަނެކަކަށް އަޑާއި މަންޒަރު ހިމެނޭ ގޮތަށް މުޢާމަލާތުކުރެވޭނޭ ވަޞީލލަތްތައް މިހާރު މިދާއިރާއަށްވަނީ ތަޢާރަފް ކުރެވިފައެވެ.
ކޮމްޕިޔުޓަރުގެ ބޭނުން ހިފައިގެން އިންޓަނެޓު މެދުވެރިކޮށް އުނގެނުމުގެ ޙަރަކާތްތައް ފެށުން ހިސާބުން "އޮންލައިން އެޑިޔުކޭޝަން" ގެ އެކި ގޮތްތަކާއި އެކަމަށް ޚާއްސަ އޮންލައިންކޮށް ހިލޭ އުނގެނުމުގެ ފުރުސަތު ހުޅުވި އެކަންވަނީ ވަރަށް ބޮޑަށް ޒަމާނާ ގުޅޭގޮތަށް ބަދަލުވެފައެވެ. ހަލުވިކަމާއެކު ކުރިއަރަމުން ތަރައްޤީވަމުންދާ މިފަދަ ވަޞީލަތްތަކުގެ އެހީގައި އެތައް ބަޔަކު ދަނީ އުނގެނެމުންނެވެ. ދިރިއުޅުމަށް ބޭނުންވާ އެކި މަޢުލޫމާތާއި ހުނަރު ލިބިގަންނަމުންނެވެ. މިއީ، ހަމަ ކޮންމެ މީހަކަށްމެ ފަސޭހަކަމާއެކު ލިބެން އޮތް ފުރުސަތެކެވެ. ހަމައެކަނި ހޯދަންވީ ވަގުތެވެ. ޓެކްނޮލޮޖީގެ ވަޞީލަތެކެވެ. ހުންނަންވީ ހިތްވަރާއި ޝައުޤުވެރިކަމެވެ. އުނގެނުމުގެ ފުރުޞަތުތައް ތިބާގެ ގޭގެ ދޮރުގައި އެދަނީ ޓަކި ޖަހަމުންނެވެ. އެދޮރު ހުޅުވާލުމަށްފަހު އެކަމަށް މަރުހަބާ ކިޔުމަކީ އަތުގެ އިނގިލިތަކުން ގެނެވޭ ކުޑަކުޑަ ހަރަކާތަކުން މިއަދު ކުރެވެން އޮތް ކަމެކެވެ. މިކަރުދާހުގައި މިފާހަގަކުރަނީ އޮންލައިންކޮށް އުނގެނުމުގެ ފުރުސަތު ހުޅުވާލާފައިވާ ބައެއް އޮންލައިން ސައިޓުތަކުގެ މަޢުލޫމާތެވެ. މިފަދަ ފުރުޞަތެއްގެ އެހީގައި ޢިލްމީ ޤާބިލްކަން އިތުރު ކުރުމުގެ ފުރުޞަތު ހަމަކޮންމެ ބޭފުޅަކަށްމެ އެބަ އޮތެވެ. ތިޜީގައި މިފާހަގަކުރާފަދަ އޮންލައިން ސައިޓުތަކުގެ ޒަރީއާއިންނެވެ.
ތިމާގެ ޢުމުރަކީ 5 އަހަރު ކަމުގައިވިއަސް ނުވަތަ 95 އަހަރު ކަމުގައިވިއަސް އޮންލައިންކޮށް ކިޔެވުމުގެ ތަނަވަސް ފުރުޞަތުތައް އެބަހުއްޓެވެ. ޚާއްޞަ ގޮތެއްގައި މަޟޫއަކީ ތަޢްލީމު ނުވަތަ "އެޑިޔުކޭޝަން" ކަމަށްވާނަމަ ހުސްވުމެއް ނިމުމެއް ނުވާ މިންވަރަށް އިންޓަރނެޓް މެދުވެރިކޮށް އޮންލައިން އެޑިޔުކޭޝަންގެ ތެރެއިން އެހުރީ ލިބޭށެވެ. މިފާހަގަ ކުރާ 25 އޮންލައިން ސައިޓަކީ މިގޮތުން ފާހަގަކޮށްލެވޭ ސައިޓްތަކެކެވެ. ކޯސެއާ، އޯރގް (coursera.)އެ ވެބްސައިޓަކީ ދުނިޔޭގެ އެތަކެއް ޔުނިވާރސިޓީ އާއި ޖަމްޢިއްޔާތައް ގުޅިފައިވާ ސައިޓެކެވެ. މިސައިޓުން ވަރަށް ފުޅާދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދެއެވެ. މިއީ އުނގެނުމުގެ ފަހި އަދި އެހާމެ ބާރުގަދަ ވަޞީލަތެކެވެ. ތަފާތު ޔުނިވާރސިޓީތަކުގެ ކޯސްތައް މިސައިޓް މެދުވެރިކޮށް ކިޔެވެއެވެ. ތަފާތު އެކިއެކި ރޮނގުތަކުން ކިޔަވަންބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު އޮންލައިން ސައިޓެކެވެ.
ހާން އެކަޑަމީ އަކީވެސް އޮންލައިންކޮށް އުނގެނުމުގެ ފުރުޞަތު ހިލޭ ލިބޭ ސައިޓެކެވެ. ޚާން އެކަޑަމީން ވަރަށް ގިނަ ޢަދަދެއްގެ ޕޯސްޓް ސެކަންޑަރީ ސްކޫލްތަކާއި ގުޅިގެން އުނގެނުމުގެ ތަފާތު ފުރުޞަތު ހިލޭ ފޯރުކޮށްދެއެވެ. ތަފާތު އެކި ރޮނގު ރޮނގުން ކިޔެވުމުގެ އެތަކެއް ފުރުޞަތު ތަކެއް މިސައިޓްން ފަހިކޮށްދެއެވެ. މިއީވެސް އޮންލައިންކޮށް ކިޔެވުމަށް ރަނގަޅު އޮންލައިން ސައިޓެކެވެ.
އުނގެނުމަށް ބޭނުންވާނޭ ތަފާތު ލިޔުންތަކާއި ވީޑިޔޯއާއި ފޮޓޯ، އާރޓިކަލް ފަދަ ތަކެތި ހޯދުމުގައި ދިމާވާ އެކިއެކި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ތޯއެވެ؟ އެހެންކަމަށްވާނަމަ އޯޕަން ކަލްޗަރ އޮންލައިން ކޯސަސް (Open culture online course) އަކީ އޭގެ ޙައްލެވެ. ތަފާތު ޔުނިވާރސިޓީތަކުގައި އެތައްހާސް ލެކްޗަރަކާއި ވީޑިއޯއާއި ޕޮޑްކާސްޓް މިސައިޓްން ލިބެންހުރެއެވެ. ކިޔެވުމަށް ބޭނުންވާނޭ އެތަކެއް މަޢުލޫމާތު ލިބެންހުރުމާއި އެތަކެތި ފަސޭހަކަމާއެކު ލިބެންހުރެއެވެ. މިސައިޓްގައި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާގެ އިތުރުން އެމެރިކާގެ ބައެއް ޔުނިވާރސިޓީތަކުގެ ކޯސްތައް ފުރިހަމަ ކުރެވޭނެގޮތް ހަމަޖެހިފައިހުރެއެވެ. އެއްތަނަކުން ތަފާތު ކޯސްތަކާއި ގުޅޭ މަޢުލޫމާތު ލިބެންހުރި ސައިޓެއްގެ ގޮތުގައި މިސައިޓް ފާހަގަ ކުރެވެއެވެ.
އުޑެމީގެ ހިލޭ ކިޔެވޭ ކޯސްތައް ފަރުމާ ކުރެވިފައިވަނީ ކޯސެރާ ސައިޓްން ހިންގާ ކޯސްތަކާއި އެއްކަހަލަ ގޮތަކަށް، މިވެބްސައިޓްން ހިލޭ ފޯރުކޮށްދޭ ކޯސްތައް ހެދުމުގައި ޢިލްމީ ގޮތުން ވަރަށް ޤާބިލް ޕްރޮފެޝަރުންގެ އެހީތެރިކަން ލިބެއެވެ. އަދި މިސައިޓްން ލިބެންހުންނަ މަޢުލޫމާތުތައް މުއްސަނދިވެފައި ފެންވަރު ރަނގަޅުކަން ފާހަގަ ކުރެވެއެވެ. މި އޮންލައިން ވެބްސައިޓްން ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބޭއިރު އަގުދައްކައިގެން ކިޔެވޭނެ ކޯސްތައްވެސް ހުރެއެވެ.
ތަފާތު ކޮލެޖްތަކާއި ޔުނިވަސިޓީތަކުގެ ކޯސްތައް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާ އަނެއް އޮންލައިން ސައިޓަކީ އެކެޑެމިކް އާރތުއެވެ. ހަމައެޔާއެކު ހިލޭ އުނގެނުމުގެ ފުރުސަތު ފޯރުކޮށްދޭ އޮންލައިން ވެބްސައިޓަކީ އެޑެކްސް (ADX) އެވެ. މިއީވެސް ތަފާތު ދާއިރާތަކުން ފެންވަރު ރަނގަޅު ކޯސްތައް ހިލޭ ފޯރުކޮށްދޭ ސައިޓެކެވެ.
އެލިސަން (ALISON) އޮންލައިން ވެބްސައިޓަކީ ކުރިން ފާހަގަކުރި ވެބްސައިޓްތަކާއި ޚިލާފަށް ބައެއް ދާއިރާތަކުން ހިލޭ ކޯސްތައް ފޯރުކޮށްދޭ ސައިޓެކެވެ. އޭގެ ތެރޭގައި ވިޔަފާރި ދާއިރާ، ޓެކްނޮލޮޖީ އަދި ސިއްޙީ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ބަހުގެ ކޯސްތައް މިއޮންލައިން ވެބްސައިޓުން ހިލޭ އުނގެނުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
އޮންލައިންކޮށް އުނގެނުމަށް އާދަޔާ ޚިލާފު ފަސޭހަ ވަޞީލަތެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަނެއް ވެބްސައިޓަކީ އައި ޓިޔުންސް ޔޫ   (iTunes U free courses) އެވެ. ޓެކްނޮލޮޖީގެ ތަފާތު ވަޞީލަތްތަކުގެ އެހީގައި މިއޮންލައިން ވެބްސައިޓުން ފޯރުކޮށްދޭ މަޢުލޫމާތު ތަކާއި ކޯސް މެޓީރިއަލްތައް ޑައުންލޯޑްކުރުމުގެ ފަސޭހަކަން  މިވެބްސައިޓުން އިންތިޒާމް ކޮށްފައިވެއެވެ.
ސްޓެންފޯރޑް އޮންލައިން ވެބްސައިޓަކީ މިދެންނެވި ގޮތަށް ހިލޭ އުނގެނުމުގެ ފުރުސަތު ހުޅުވާލާފައިވާ ވެބްސައިޓެކެވެ. މިވެބްސައިޓުން ފޯރުކޮށްދެނީ ސްޓެންފޯރޑް ޔުނިވަރސިޓީގެ ކޯސްތަކެވެ. ސްޓެންފޯރޑް ޔުނިވަރސިޓީގެ ކޯސްތައް ކޯސޭނާ ވެބްސައިޓުންނާއި އައިޓިއުން ވެބްސައިޓުންވެސް ހިލޭ އުނގެނުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.  ސްޓެންފޯރޑް އޮންލައިން ސައިޓަކީ ފެންވަރު ރަނގަޅު ކޯސްތައް އޮފަރ ކުރާ ވެބްސައިޓެކެވެ.

12 comments:

  1. އެކަށީގެންވާ މަޢުލޫމާތު ހިމަނައިފަ އެބަ ހުއްޓެވެ. މަޢުލޫއާއިގުޅޭ ފޮޓޯ ހުރިނަމަ އިތުރަށް ފުރިހަމަވާނެއެވެ.

    ReplyDelete
  2. މައުލޫތައް ވަރަށް ފުރިހަމަ

    ReplyDelete
  3. އަރިމަތި ސުރުޚީތަކެއް ހިމަނައިން މަޢުލޫމާތު ހުށަހެޅުންނަމަ ފުރިހަމަ ވީހެވެ.

    ReplyDelete
  4. އަގުހުރި މައުލޫމާތުތަކެއް ލިބިއްޖެ

    ReplyDelete
  5. ކިޔާލާހިތުން ކިޔާލެވުނު ފުރިހަމަ ލިޔުމެއް

    ReplyDelete
  6. ތެދެއް ހަމ... ކިޔަވަންވީ.. މުސްކުޅިއެއް ޒުވާނެއް ކުޑަކުއްޖެއް ނެތް މިކަމުގަ.. އެފަދަ އެޕްލިކޭޝަންތަކެއް ލިންކުތަކާއެކު ހިމަނާލެވުނުނަމަ ވ ފުރިހަމަވީސް.. ވ ރަނގަޅު އާޓިކަލްއެއް..ماشاءالله!

    ReplyDelete
  7. ގިނަ ސައިޓްތަކެއްގެ މަޢުލޫމާތު އެނގިގެން ގޮސްފި އަދި ސައިޑް ހެޑިންތަކެއް ހިމަނައިލައިގެން ގެނެސްދީފައިވާނަ މިލިޔުން އިތުރަށް ފުރިހަމަ ވާނެ.

    ReplyDelete
  8. furihama liyumeh
    arimathy suruhythah gensdhin nama ithurah furihama waane

    ReplyDelete
  9. އޮންލައިންކޮށް އުގެނުމުގައި ހުރި ފުރުޞަތުތައް މިޔުމުން އެގިގެން ހިގައްޖެއެވެ.

    ReplyDelete
  10. ފުރިހަމައަށް މައުލޫމާތު ހޯދައިފައިވާ ަގުހުރި ލިޔުމެކެވެ.

    ReplyDelete
  11. އޮއްޓަރު ރަނގަޅު. އަރިމަތީ ސުރުޚިތަކަކަށް ބަހާލައިފައި ފޮޓޯ ހިަމނާލިނަމަ އިތުރަށް ފުރިމަވީސް.

    ReplyDelete
  12. މަޢުލޫމާތުގެ ގޮތުން ރަނގަޅު ލިޔުމެއްކަން ފާހަގަކުރަމެވެ.

    ReplyDelete